އަވަހަރާކޮށްލާފައިވާ އީރާނުގެ ކުރީގެ ސްްޕްރީމް ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ހަށިކޮޅު، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

ޚާމަނާއީ ފަސްދާނުލާފައި ވަނީ އީރާންގެ އިރުއުތުރުގައި އޮންނަ މަޝްހަދު ސިޓީގެ އިމާމް ރިޒާ ގެ ހަރަމްފުޅުގެ ކައިރީގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނު ފަސްދާނުލެވުނީ ހަރަމްފުޅުގެ "ދާރު އަލް-ޛިކުރު" ރަވާގުގައެވެ. ޚާމަނާއީ ފަސްދާނުލާފައި ވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޖަނާޒާގެ ބޮޑެތި ހަރަކާތްތަކަށްފަހު މިއަދު އެވެ.

އެ ހަރަކާތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވި މީހުންގެ އަދަދު 12 މިލިއަނާއި 30 މިލިއަނާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް މީޑިއާތަކާއި ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. ލީޑަރޝިޕް ލެވެލްގެ 10 ގައުމަކުން ބައިވެރިވި އެ ޖަނާޒާގައި ރަސްމީ ޙައިސިއްޔަތުން ސަތޭކަ ވަރަކަށް ގައުމުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

އީރާންގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ގައުމުތަކުން އައިސްފައިވާ އެތައް މިލިއަން ބައެއްގެ ތެރެއިން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެމަނިކުފާނުގެ ޖަނާޒާ މަޝްހަދަށް ގެންދެވުނެވެ. މި ރަސްމިއްޔާތުގައި އީރާންގެ އިސް ވެރިންނާއި ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޕާލަމެންޓުގެ ރައީސް މުހައްމަދު ބާޤިރު ގާލިބާފް، ޖުޑީޝިއަރީގެ ވެރިޔާ ގުލާމް ހުސައިން މޮހްސެނީ އެޖޭއީ، ކުރީގެ ނައިބު ރައީސް މުހައްމަދު މޮޚްބަރު އަދި މަޝްހަދުގެ ހުކުރު ޚުތުބާ ދެއްވާ އާޔަތުﷲ ސައްޔިދު އަހުމަދު އަލަމްއަލްހޮދާ ހިމެނެއެވެ.

ޝަހީދުވި ލީޑަރުގެ ޖަނާޒާގައި ނަމާދު ކޮށްދެއްވީ އެ މަނިކުފާނުގެ ދަރިކަލުން އާޔަތުﷲ ސައްޔިދު މުސްތަފާ ޚާމަނާއީއެވެ.

މަޝްހަދުގައި ބޭއްވުނު މި ރަސްމިއްޔާތުގެ ކުރިން، އިރާޤުގައި ވެސް ވަނީ ތާރީހީ ޖަނާޒާއެއް ބާއްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވި މީހުން ހިމެނޭހެން ގާތްގަނޑަކަށް 3.8 މިލިއަން މީހުން ވަނީ ޚާމަނައީ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފައެވެ. އޭގެ ފަހުން ޖަނާޒާ ކަރުބަލާއަށް ގެންދެވުނެވެ.

އިރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައެވެ.

ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާގައި ޚާމަނާއީގެ އިތުރުން ޚާމަނާއީއަށް ކާފަކިޔާ 14 މަހުގެ އަންހެން ދަރިކަލަކާއި ދަރިކަނބަލަކާއި ދަނބިދަރިކަލަކާއި ޅީދަރިފުޅުވެސް ހިމެނެއެވެ. އަވަހާރަކޮށްލި ޅީދަރިފުޅަކީ ޚާމަނާއި އަވަހާރަކޮށްލުމުން ސްޕްރީމް ލީޑަރުކަމަށް މިހާރު އައްޔަނުކޮށްފައިވާ މުޖުތަބާ ޚާމަނާއީގެ އަނބިކަނބަލުންނެވެ.