އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓް (ޕީބީއައި) ގެ ނަން، ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕްގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
މިއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން މިހާރު ޖަހާފައިވާ އެތައް ތަނަކާއި އެއްޗެހީގެ ތެރެއަށް އިތުރުވި ބޮޅެކެވެ.
އެ އެއާޕޯޓުގެ ނަން ބަދަލުކުރުމަށް ސޮއިކުރެއްވީ ފްލޮރިޑާގެ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ރޮން ޑިސަންޓިސްއެވެ.
މި ބަދަލު ގެނައުމަށް 5.5 މިލިއަން ޑޮލަރު ހޭދަވިކަމަށް އެ އެއާޕޯޓުން ހާމަކޮށްފައިވެއެވެ.
އެ އެއާޕޯޓުގެ ނަން ބަދަލުކުރީ ފްލޮރިޑާގެ ސްޓޭޓް ގާނޫނެއްގެ ދަށުންނެވެ. މިއީ އެ ސްޓޭޓުގައި ޓްރަމްޕަށް އޮތް ތާއީދާއި، އޭނާގެ ސިޔާސީ ބާރުވެރިކަން އިންތިހާއަށް އޮތްކަން ދައްކައިދޭ ރަމްޒެކެވެ.
މިކަމާ ގުޅިގެން ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލްގައި ބުނީ މިއީ ވަރަށް އަވަހަށް ދުނިޔޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ބަލައިގަންނަ އެއް އެއާޕޯޓަށް ވެގެންދާނެ ކަމަށެވެ.
އެއަރޕޯޓެއްފަދަ މުހިންމު ތަނަކަށް ނަން ދިނުމަކީ ޓްރަމްޕްގެ ސިޔާސީ ބާރު ފަނޑުވެގެން ނުދާނެކަން އަންގައިދޭން އޭނާ ބޭނުންކުރާ ވަސީލަތެކެވެ.
އެ އެއާޕޯޓްގެ އޮފިޝަލުން ބުނާ ގޮތުގައި މިއީ ހަމައެކަނި "ބްރޭންޑިންގ" ބަދަލެކެވެ. އަދި މިކަމާ ގުޅިގެން އެ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ރައީސް ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނު ފަހުން، އެ މަނިކުފާނުގެ ނަން އެމެރިކާގެ ނޭވީގެ ހަނގުރާމަމަތީ މަނަވަރުތަކަށާއި، މުއްސަނދިންނަށް ހާއްސަ ވިސާ ޕްރޮގްރާމަކަށާއި، ބޭސްފަރުވާއާ ގުޅޭ ސަރުކާރުގެ ވެބްސައިޓަކަށް އަދި ކުޑަކުދިންގެ ސޭވިންގްސް އެކައުންޓްތަކަށް ވެސް ވަނީ ދީފައެވެ.
އެމެރިކާގެ އެހެން ބައެއް އެއާޕޯޓުތަކަށް ވެސް ކުރީގެ ރައީސުންނާއި މަޝްހޫރު ސިޔާސީ ބޭފުޅުންގެ ނަންތައް މީގެ ކުރިން ދީފައިވެއެވެ. އޭގެ ތެރޭގައި އާކަންސާސްގެ ލިޓްލް ރޮކް އެއާޕޯޓު، ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންއަށް ނިސްބަތްކޮށް ނަން ދިނުން ފާހަގަކޮށްލެވެއެވެ.