އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަޤާމުގައި ވޭތުވެދިޔަ 7 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.
އިބްރާހިމް ރަޝީދު ހަސަން ވިދާޅުވީ، އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ، ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ.
މަޤާމުން ވަކިވެވަޑައިގަންނަވަމުން ޝައިޚް ވަނީ އިތުބާރު ކުރައްވައި އެ މަޤާމަށް އައްޔަންކުރެއްވި ކަމަށްޓަކައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި، މިހާރުގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި އަގުހުރި ނަސޭހަތާއި އިރުޝާދަށްޓަކައި އެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، އިސްލާމީ މަރުކަޒުގައި އެކުގައި މަސައްކަތްކުރެއްވި އިސްއިމާމް ފަޟީލަތުއް ޝައިޚް މުޙައްމަދު ލަތީފް، އަލްހާފިޡް ސަލްމާން މުޙައްމަދު ލަތީފް، އައްޝައިޚް ނަޞްރުﷲ ޢަލީ، އަދި އައްޝައިޚް ޢައްމާރު އިލްޔާސްގެ ނަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައިވެއެވެ.
ހަމައެހެންމެ އިސްލާމީ މަރުކަޒުގެ މުއައްޒިން އިމާމް އަޙްމަދު ރަފީޢުއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެހާ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ކީރިތި ޤުރުއާން ހިތުދަސް ޝައިޚް އިބްރާހީމް ރަޝީދު ހަސަން ވިދާޅުވީ، އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ތަޢުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށެވެ. އެގޮތުން ޝައިޚް އިބްރާހީމް ރަޝީދު ޙަސަން މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ވަޒީފާ އަދާކުރައްވަން ފަށްޓަވާފައެވެ.
ޝައިޚް އިބްރާހީމް ރަޝީދު ޙަސަން މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.