މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު، ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މަސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ރާއްޖެއިން ބޭރުން ހުޅުވާލާފައި ވަނީ ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގައެވެ.
އެގޮތުން އެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުންނެވެ.
އެ ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެކުއާކަލްޗަރ، ފިޝަރީޒް މެނޭޖްމަންޓް، މެރިޓައިމް އެފެއާޒް، މެރިން ސައިންސް، އަދި އެކުއަޓިކް ހެލްތު ފަދަ ދާއިރާތަކުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކޯސްތައް ފުރިހަމަކުރެވޭނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތަކުގެ އިތުރުން އޯއީސީޑީ ގައުމުތަކުގައި ކަމަށެވެ.
މިގޮތުން މާސްޓަރސް ޑިގްރީއަށް ކުރިމަތިލެވޭނީ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށް، 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނީ އޯލެވެލް އަދި އޭލެވެލްގެ ނަތީޖާއަށް ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީގެ އިތުރުން، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް އަދި މަހުން މަހަށް ދެވޭ ސްޓައިޕަންޑް ހަމަޖައްސައިދޭނެއެވެ.
މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކުން ކޯސް ނިންމުމަށްފަހު މިނިސްޓްރީގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ވަނީ އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހ. ޕަލްމޭރާގައި ހުންނަ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ނުވަތަ[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.
އެ ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ޖުލައި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.