އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށާއި ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ޚިދުމަތް ފަށާނެކަމަށެވެ.

އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެއެވެ.

އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރުމަށް ނިންމީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600 ރުފިޔާއެވެ.