އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އަމީނީމަގާއި އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއަށް ހަވާލުކޮށްފައިވާކަމަށެވެ.
މަގު މަރާމާތުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްގީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.