ފީފާ ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރާނީ ކަމަށް ގާބިލް، ފެންވަރު ހުރި މީހުން ކަމަށާއި، ރެފްރީންނަށް އިތުބާރުކުރާ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޮމް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގެ ރެފްރީ އާއި ވީއޭއާރުގެ ނިންމުންތަކާ މެދު މިސްރުގެ ކޯޗު ހޮސާމް ހަސަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ފީފާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

އެކަން އެހެން ހިނގާފައިވަނިކޮށް، ކުއާޓާ ފައިނަލްގައި ފްރާންސް އާއި މޮރޮކޯ މިރޭ ބައްދަލުކުރާ މެޗަށް ފީފާއިން ހަމަޖައްސާފައިވަނީ އާޖެންޓީނާގެ ރެފްރީންނެވެ. އެގޮތުން މިރޭގެ މެޗުގެ ފުރަތަމަ ރެފްރީއަކަށް އާޖެންޓީނާގެ ފަކޫންޑޯ ޓެޔޯ ހަމަޖައްސާފައި ވާއިރު، އެސިސްޓެންޓް ރެފްރީންނަށާއި ވީއޭއާރުގައި ވެސް ތިބޭނީ އާޖެންޓީނާގެ ރެފްރީންނެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޑޭޝޮމް ބުނީ، ވޯލްޑް ކަޕްގެ މެޗުތަކަށް ހަމަޖައްސާނީ ރަނގަޅު ރެފްރީން ކަމަށެވެ. އެހެންކަމުން މިރޭގެ މެޗުގެ ރެފްރީންނާ މެދު ވެސް އިތުބާރު އެބައޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން ރެފްރީންނަށް އިތުބާރުކުރަން. އަހަރެމެން ވާދަކުރާނީ މޮރޮކޯއާ، ރެފްރީންނަކާ ނޫން."

ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޮމް

ޑޭޝޮމް ބުނި ގޮތުގައި، އާޖެންޓީނާ އާއި މިސްރު ބައްދަކުރި މެޗުގެ ރެފްރީއަކަށް ހުރި ފްރާންސަށް ނިސްބަތްވާ ފްލަސުއާ ލަޓެކްސިއޭގެ ނިންމުންތަކަކީ ރަނގަޅު، އިންސާފުވެރި ނިންމުންތަކެކެވެ. އަދި މިރޭގެ މެޗުގެ ރެފްރީން ވެސް ނިންމުންތައް ނިންމާނީ އިންސާފުވެރިކަމާއެކުގައި ކަމަށް އުއްމީދުކުރާ ކަމަށް ޑޭޝޮމް ބުނެފައިވެ އެވެ.

ރެފްރީންގެ ނިންމުންތަކުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަމުން މޮރޮކޯގެ ކޯޗު މުހައްމަދު ވަބީ ވެސް ވަނީ، މިރޭގެ މެޗަށް ހަމަޖައްސާފައިވާ ރެފްރީންނާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފަ އެވެ.

ވޯލްޑް ކަޕްގައި އިންސާފުކުރަމުން އަންނަ ރެފްރީންނަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ފީފާގެ ރެފްރީސް ޗީފް ޕިއެރްލުއީޖީ ކޮލީނާ ވެސް ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސް އާއި މޮރޮކޯ ވާދަކުރާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 01:00 ގަ އެވެ.