ލޯންޗަކާ މަސްދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ލީޖަން 1 ސްޕީޑްބޯޓުން ދަތުރުކުރި 3 ބިދޭސީއަކަށް އަނިޔާތައް ވެފައިވާ ކަމަށާއި، އެ ތިން މީހުން އެމްބިއުލަންސްގައި މިހާރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަކީ ހިންމަފުށިން 20:45 އެހާކަންހާ އިރު މާލެ ދަތުރު ފެށި ލޯންޗެކެވެ. އަދި ލީޖަންގެ މި ލޯންޗަކީ އަބަދުވެސް ގަވާއިދުގައި ބުނާ ވަރަށްވުރެ ބާރަށް ދުއްވާކަމުގެ ރެކޯޑު އޮންނަ ލޯންޗެއް ކަމަށް މައުލޫމާތުލިބެއެވެ.