ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ވައިޓަލްކެއަރ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވައިޓަލް ކެއާއިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް އަމާޒުކޮށް، ދިވެހި މުޖުތަމައުގައި ދުޅަހެޔޮ ދިރިއުޅުން އާލާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމެވެ.

ވައިޓަލް ކެއާރއިން ބުނީ، މި އެއްބަސްވުމުގެ ދަށުން، ސްކޫލް ހެލްތު ސްކްރީނިންގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްހީ އެސެސްމަންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ އިތުރުން، ވައިޓަލްކެއަރގެ ހެލްތު ސްކްރީނިން ވަސީލަތްތައް ބޭނުންކޮށްގެން، ބެލެނިވެރިންނާއި، މުދައްރިސުން އަދި ސްކޫލްތަކުގެ މުވައްޒަފުންނަށްވެސް ސިއްހީ އެސެސްމެންޓްތައް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ޕާޓްނަޝިޕްގެ ދަށުން ކުރިއަށްގެންދާ ހެލްތު ސްކްރީނިންގ ތަކުން ފާހަގަވާ ކަންކަމަށް ބިނާކޮށް، ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ވެސް ވައިޓަލް ކެއާއިން ވަނީ ބުނެފައެވެ.

މިގޮތުން، އަނގަޔާއި ދަތުގެ ސިއްހަތު، ނިއުޓްރިޝަން، ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން، އަދި ދުޅަހެޔޮ ދިރުއުޅުމާގުޅޭ މައުލޫމާތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވައިޓަލް ކެއާއިން ވަނީ ބުނެފައެވެ.

ވައިޓަލް ކެއާއިން ބުނީ، މި ހަރަކާތްތަކަކީ، އާކްގެ "ހެލްތީ އީޓިންގ އެކްޓިވް ލައިފްސްޓައިލްސް (ހީލް) ކެމްޕޭން" ގެ މެސެޖްތަކާ އެއްގޮތަށް، ފައިދާހުރި ކާނާ އިޙްތިޔާރު ކުރުމަށާއި، ހަކުރު ގިނަ ބުއިންތައް މަދުކުރުމުގެ އިތުރުން، ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާ ކޮންޓެންޓާއި، ވީޑިއޯ، ޕޯސްޓަރު އަދި ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވައިޓަލް ކެއާރއިން ވަނީ ބުނެފައެވެ.