މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޤާނޫނީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މިކަން ހާމަކުރީ، މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ކުރިއަށްދިޔަ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ގެނެސްދިން ވީޑިއޯ ރިޕޯޓުންނެވެ.
އެ ރިޕޯޓުގައި ބުނީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއި އެކު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބުނާ އިންތިޚާބު 2026 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމުން، ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޤާނޫނީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.
އެގޮތުން ކައުންސިލުން ކުރިއަށްގެންދަން ރާވައިފައިވާ މުހިންމު ޙަރަކާތްތަކާއި މަޝްރޫޢުތަކަށް މި ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ، ވަކިން ޚާއްޞަކޮށް، ކައުންސިލްގެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމާއި، އިދާރީ ހިންގުމަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މާލީ ގޮތުން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ވެސް، އިދާރީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވި ކަން ވެސް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ގޮންޖެހުންތަކުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި، ތަރައްގީގެ މަޝްރޫއުތައް، ރޭވިފައިވާ ގޮތަށް ބޭނުންވާ ދުވެލީގައި ކުރިއަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން ވެސް ކައުންސިލުން ފާޅުކޮށްފައިވެއެވެ.