ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ގދ. ގައްދޫ, ކަށިކެޔޮމާގެ, ޑރ. އާމިނަތު ފަޒުނާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީއެމް.އެޗް.ގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ، މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓެވުމަށް އެދި ދުއާ ދަންނަވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އޭނާ ނިޔާވީ އުމުރުން 47 އަހަރުގައެވެ.
ޑރ. ފަޒުނާ ވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ތައުލީމާއި ތަމްރީން ހާސިލުކުރައްވާފައެވެ.
އޭނާ ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު ނިޔާވުމާއި ގުޅިގެން ސިއްހީ ދާއިރާގެ ބޭފުޅުންނާއި ޑރ. ފަޒުނާގެ އެހީތެރިކަން ލިބުނު އާއިލާތަކާއި ބެލެނިވެރީން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.