ވަކިވަކި މީހުންނަށް ފައިދާވާ ގޮތަށް މާލެ ސިޓީ ކައުންސިލަށް ކޯޓޭޝަން ހޯދާފައިވާ ކަމަށް އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ކައުންސިލްގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ވާގޮތުން، ވަކިވަކި މީހުންނަށް ފައިދާވާހެން ގުޅުން ހުރި ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލަށް ކޯޓޭޝަން ހޯދާފައިވާއިރު، ލިބުނު އާމްދަނީގެ ތަފްސީލު ވެސް ދިމައެއް ނުވެއެެވެ. އެގޮތުން އެއް މަސައްކަތެއްގެ ގޮތުގައި ކުރެވިދާނެ ކަންކަން ބައިބައި ކޮށްގެން ވަކި މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ސިޓީ ކައުންސިލުން ސާމްޕަލްގެ ގޮތުގައި ނެގި 35،000ރ. އިން ދަށުގެ 46 ޕޭމަންޓު ވައުޗާގެ ޖުމްލަ އަދަދަކީ 1.3 މިލިއަން ރުފިޔާ ކަމަށް ވާއިރު، އޭގެ ތެރެއިން 23 ވައުޗާއަށް ކޯޓޭޝަން ހޯދާފައި އޮތީ ބައިބައި ކޮށްގެން ކަމަށާއި، އޭގެ ޖުމްލަ އަގަކީ 656،162ރ. ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭގެތެރެއިން 27 ވައުޗާގެ ކޯޓޭޝަން ހޯދާފައިވަނީ ގުޅުން ހުރި ވިޔަފާތިތަކުން ކަމަށް އެ ރިޕޮޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ އެއް ކުންފުންޏެއްގެ ދެ ފިހާރަ ދުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތަކަށް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެ 27 ކޯޓޭޝަނަށްވާ ފައިސާގެ އަދަދަކީ 732،043 ރުފިޔާ އެވެ.
އޮޑިޓުގައި އިތުރަށް ފާހަގަކޮށްފައިވާ އެހެން ބައެއް ކަންކަމުގެ ތެރޭގައި، ހަރުމުދާ ހަމަޔަށް ހުރިތޯ ކަށަވަރު ކޮށްފައި ނުވުމާއި، އެ އަހަރު ޑިޕާޓްމަންޓަށް ލިބިފައިވާ އާމްދަނީގެ ރިޕޯޓު ދުވަހުން ދުވަހަށް ތައްޔާރުކުރެވިފައިވާ ނުވުމާއި، އެ އަހަރު ހަދާފައިވާ ރަޖިސްޓްރީ އަދި ރަހުނާ ގުޅޭ ލިޔެކިޔުންތައް ނެތުމުގެ އިތުރުން، ކައުންސިލަށް ލިބޭ އާމްދަނީ ލިބޭ ކަންތައްތަކުގެ ދަފްތަރުގެ މާލިޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން ހިމެނެއެވެ.
މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ޝިފާ ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެއް އާންމު ކޮށްފައި ވާއިރު، މީގެ ކުރިން އެނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތެއް ވެސް ކޮށްފައެވެ.