ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ލަފާދީފިއެވެ.
އޭޑީބީން އެގޮތަށް ލަފާދީފައި ވަނީ، އޭޝިއާގެ އިގުތިޞާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި އޭޑީބީން ވަނީ، މިދިޔަ އޭޕްރިލް މަހު ލަފާކުރި ވަރަށްވުރެ ވެސް އިތުރަަށް، ދެކުނު އޭޝިއާގެ ގައުމުތަކުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ލަފާ ދެނީ، އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދިނުމަށް، އެފަދަ އެހީ އެންމެ ބޭނުންވާ ގޭބިސީތައް ފާހަގަކޮށް ލުއިތައް ދިނުމަށެވެ. އަދި އެ ގޭބިސީތަކަށް ފައިސާ ދިނުމާއި، ޕަބްލިކް ޓްރާންސްޕޯޓަށް ސަބްސިޑީ ދިނުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އިސްރާފުނުވާ ގޮތަށް ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރުމަށާއި ކަރަންޓުގެ ކޮންމެ ޔުނިޓަކުން އަގު ކުޑަ ކުރުމުގެ ބަދަލުގައި، ގޭބިސީތަކުގެ ބިލަށް ކަނޑަައަޅައިފައިވާ ވަކި ޑިސްކައުންޓެއް ދިނުމަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.
އޭޑީބީން މި އަހަރު ދެކުނު އޭޝިއާގެ އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށްލަފާކޮށްފައި ވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 2.9 އިންސައްތައިގައެވެ. އަދި ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތަކެތީގެ އަގު މި އަހަރު ފަސް އިންސައްތަ އުފުލި، އިގުތިސާދީ ދުވެލި ކުރިއަރާނީ އެއް އިންސައްތަ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ އެ ބަދަލުތައް އަންނަނީ މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއެކު ތެލުގެ އަގު އުފުލުމުންކަން ފާހަގަކޮށްފައެވެ. އެހެންކަމުން އޭޝިއާގެ ގައުމުތަކުގެ ދައުލަތަށް ބުރަ ބޮޑުވުން ވެސް އެކަށީގެންވާ ކަމަށާއި ސަބްސިޑީތަކުން ލުއިތައް ލިބުނު ނަމަވެސް، ދިގު މުއްދަތަށް ބަލާއިރު، ޚާއްސަކޮށް ތެލުގެ އަގު އުފުލެމުންދާނަމަ އެއީ ޚަރަދު ބޮޑު ނިޒާމަކަށް ވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އޭޑީބީގެ އެނެލިސްޓުން ވަނީ، އިޔާދަނުކުރެވޭ ތެލަށް ދޭ ސަބްސިޑީ މަދުކުރަންވެސް ލަފާދީފައެވެ.
މި ސަރުކާރުގައި ވެސް ސަބްސިޑީ އިސްލާހު ކުރަން ފިޔަވަޅުތައް އިއުލާންކޮށްފައިވީ ނަމަވެސް, މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވާފައެވެ. އަދި އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.