މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 12 ވާ އާދީއްތަ ދުވަހު ހުޅުވާލާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު ހުޅުވާލާނީ، އެ ދުވަހުން ފެށިގެން މި އަހަރުގެ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.

އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދެއެވެ. އަދި އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ސަމާލުކަން ދިނުމަށް ވެސް އެ ކޮމިޓީން ވަނީ އެދިފައެވެ.