ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔައިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އޮތީ "ނިދާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕީސީބީއަކީ ކުންފުނިތައް މޮނިޓަރކޮށް، ދައުލަތުގެ ޕޮލިސީތަކާ އެއްގޮތަށް ކުންފުނިތައް ހިނގާތޯ ބަލައި އިވެލުއޭޓް ކުރަންޖެހޭ ތަނެއް ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ ބޯޑާއި ކުންފުނިތަކާ ދެމެދު އެއްވެސް މުއާމަލާތެއް ނެތް ކަމަށެވެ.
އޭގެ ސަބަބުން ކުންފުނިތައް ބޮޑުތަނުން ބަނގުރޫޓުވެގެން ދިޔަ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ކުންފުނިތަކާއި، ޕީސީބީގެ ޗެނަލް ދިމާނުވާ ކަމަށް ވަންޔާ ޕީސީބީ އޮތުމުގެ މާނައެއް ނެތް ކަމަށެވެ.
މީގެ އިތުރުން ކުންފުނިތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވަނީ، މި ސަރުކާރުން ހަވާލުވިއިރު ފެނަކަ ކޯޕަރޭޝަން އޮޑިޓް ނުކުރާތާ ހަތަރު އަހަރު ވެފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އަދި އާރުޑީސީގެ ތިޖޫރީ ތިން ފަހަރު ގެއްލިފައިވާއިރު، ކުންފުނިތަކުގެ ސިސްޓަމްތައް ވަގަށް ނަގާފައިވާ ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ހަމަމިއާއެކު މި ހުރިހާ ކަމެއް ހިނގިއިރު ޕީސީބީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝިޖާއު އިތުރަށް ވިދާޅުވީ، ޕީސީބީގެ މެންބަރުކަމަށް ޒައިނާ އަބްދުﷲ އައްޔަންކުރުމާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ޒައިނާއަކީ އެމްޑީޕީންވެސް ގަބޫލުކުރާ ފަދަ ގާބިލު އަދި އިލްމީ ބޭފުޅެއް ކަމަށާއި، ޕީސީބީއަކީ މިހާރު ހަރުދަނާކޮށް ހިނގަން ފަށާފައިވާ މުއައްސަސާއެއް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަކީ ދައުލަތަށް ފައިދާވާ ތަންތަނަށް ވެގެންދާނެ ކަމަށެވެ.