އަތޮޅުތެރޭ ރަށްރަށުގައި އުފެދޭ ކުނި ބޭރުކުރުމަށް ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާ އެ ވުޒާރާއިން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅުތަކާއި ސިޓީތަކުގައި ކުނި މެނޭޖްކުރާނެ ނިޒާމުތައް ޤާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ކަނޑުމަގުން އުފުލުމަށް ޚާއްޞަ އުޅަނދުތަކެއް ބޭނުންވާ ކަމަށެވެ. އަދި ކުނި އުފުލުމަށް ޚާއްޞަ ތިން އުޅަނދެއް ބަންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާގައި ބަނދެ ނިމިފައިވާ އުޅަނދު މިހާރު ރާއްޖެ ގެނައުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސްވެސް މުރުތަޟާ ވިދާޅުވިއެވެ.

އޭގެ އެންމެ ފަހުގެ އިންސްޕެކްޝަނަށް ޓީމެއް މި ހަފްތާތެރޭގައި ފުރާނެ ކަމަށާއި ރާއްޖޭގައި 2 އުޅަނދު ބަންނަ ކަން ހާމަކުރައްވާ މުރުތަޟާ ވިދާޅުވީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އުޅަނދުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.