ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ފަހު ވަގުތު ސްޕެއިން އަތުން ބަލިވެ، ޕޯޗުގަލްއިން މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ.

މިއީ، ހަވަނަ ވޯލްޑް ކަޕް ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތުން ފެންނާނެ ފަހު ފަހަރެވެ. މިފަހަރުގެ މުބާރާތުން ޕޯޗުގަލް ކެޓުމުން، ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ޞަފުހާތައް ނިންމާލަން ޖެހުނީ ތަށި ނުލިބި އެވެ.
ޓެކްސަސްގެ ޑަލާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 1-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ލަނޑެއް ނުފެނި މެޗުގެ 90 މިނެޓު ހަމަވި ފަހުން، ސްޕެއިނުން ވަނީ ލަނޑު ޖަހައި ޕޯޗުގަލްގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރޭސް ޕެނަލްޓީ އޭރިއާ ތެރެއަށް ދިން ޕާހަކުން މި ލަނޑު ޖެހީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް މެރީނޯ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޕެއިންގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ރޮޑްރީ އެވެ.
މި ނަތީޖާއާއެކު ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ.
ހިތްދަތި ބައްޔަކާއެކު ރޮނާލްޑޯއަށް މުބާރާތް ނިމުނު އިރު، މިއީ ވޯލްޑް ކަޕްގައި ކުޅޭނެ އެންމެ ފަހު ފަހަރު ކަމަށް އޭނާ ވަނީ މީގެކުރިން ބުނެފަ އެވެ. މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ތިން ލަނޑު ޖަހާފައިވެ އެވެ.
މުބާރާތުގެ ގަދަ 16 ގައި ރޭ ބެލްޖިއަމް ވަނީ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަތުން 4-1 އިން މޮޅުވެފަ އެވެ. އެހެންކަމުން ކުއާޓާ ފައިނަލްގައި ބެލްޖިއަމްއާ ވާދަކުރާނީ ސްޕެއިން އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގެ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. އެގޮތުން މިރޭ 09:00 ގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މިސްރު ބައްދަލުކުރާ އިރު، 01:00 ގައި ކޮލަމްބިއާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.