ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ.
ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމެވެ.
މެންބަރު ވިދާޅުވީ މި ބިލުގެ ސަބަބުން ކުނި މެނޭޖު ކުރުމުގެ ސިޔާސަތް އެކުލަވާލުމާއި ރެގިޔުލޭޓް ކުރުމާއި ތަންފީޒުކުރުމުގެ ޒިންމާތައް ކަމާ ބެހޭ އިދާރާތަކެއްގެ މެދުގައި ސާފުކޮށް ބަހާލެވި، ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން ގާނޫނީ ގޮތުން މަނާ ކޮށް ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކޮށް، ތަފާތު ބާވަތުގެ ކުނި އޯގޭނިކް ޕްލާސްޓިކް ނުރައްކާތެރި ކުނި ފަދަ ވަކި ވަކި މެނޭޖް ކުރުމުގެ އުސޫލުތައް މުރާޖާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ބިނާ ކުރެވޭނެ ކަމަށެވެ.
ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކައި ގުޅުންހުރި ބައެއް އިސްލާހުތަކާއި ކުނި މެނޭޖްކުރުމުގައި ބޭނުންކުރަ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.