މިދިޔަ ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓް ދަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

އަދި މި އަހަރުގެ މިހާތަނަށް އެއް މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

އެއީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު 125،000 ޓޫރިސްޓުން ރާއްޖެއައިސްފައިވާ އިރު، އޭގެ ކުރީ އަހަރުގެ ޖޫން މަހު 143،000 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖެ ްައަންނަ ޓުއަރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިގޮތުން މާޗް މަހާއި އޭޕްރީލް މަހު ވެސް ޓޫރިސްޓުން އައި އަދަދު ވަނީ 20-24 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފައެވެ.

މެއި މަހު އައި ޓޫރިސްޓުން ދެ ޕަސެންޓަށް އިތުރުވި ނަމަވެސް ޖޫން މަހު ވެސް ރާއްޖެއަށް އައި ޓޫރިސްޓުން އަދަދު ވަނީ ދަށްވެފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެވްރެޖްކޮށް ދުވާލަކު 5،900 ޓޫރިސްޓުން އަންނަ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 300 ޓޫރިސްޓުން މަދު އަދަދެކެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރަށް 2.2 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.