ސްކޫލްތައް އޭސީކުރަން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ 61 ޕަސެންޓް ނިމިފައިވާ ކަމަށް ތަޢުލީމާއި، މަތީތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ، ރައީސްގެ ވައުދުފުޅަށް އޭސީ ސްކޫލުތަކުގައި ހަރުކުރަން ވެފައިވާ ވައުދުފުޅާއި އެއްގޮތަށް މިހާރު އައްޑޫ ހުރިހާ ސްކޫލުތަކެއްގައި ހަރު ކުރެވިފައި ކަމަށް އެހެން ނަމަވެސް އެސީ ތަކަށް ކަރަންޓުނުދެވޭ ކަން ފާހަގަ ކުރައް އެ މަޝްރޫއުގެ އަޕްޑޭޓަކަށް އެދިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޖުމްލަ 217 ސްކޫލުގައި މި މަސައްކަތް ފެއްޓީ އިރާދަކުރެއްވިއްޔާމު މިއަދާ ހަމައަށް 61 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށް ވާތީ ގޮންޖެހުންތައް ހުރިކަމަށެވެ.
އެ ޕްރޮޖެކްޓު ވަރަށް އަވަހަށް ނިންމަން ބޭނުންވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ހުންނަ ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ގޮންޖެހުން ތަކާއެކުވެސް ވަޒީރުގެ އަމާޒަކީ 2 ވަނަ ޓާމްގެ ކިޔެވުން ފެށެން ވާއިރަށް ގިނަ ސްކޫލު ތަކުގައި މި މަސައްކަތްތައް ނިންމާލުން ކަމަށެވެ.
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު އެޑިއުކޭޝަން މިނިސްޓްރީޖން ކުރިއަށްގެންދާ މަޝްރޫޢެކެވެ.