މާލޭ ގ. ފުންފަޅުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ އެޕާޓްމަންޓްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އެސެސްމަންޓް ހެދުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ޖުމްލަ 109 މީހުންނަށް އަސަރުކުރި އެ ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.