ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ދިޔާނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

ފޮރިން ސާވިސްގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާއެއްގެ ގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރީ މިދިޔަ އޭޕްރިލް މަހުއެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ފުރުއްވާފައެވެ. މިސަރުކާރުން ޖުޑީޝަރީއާ ގުޅުންހުރި ކަންކަމުގައި އަމަލުކޮށްފައިވާ ގޮތާމެދު ދިޔާނާ ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް ވަކިކުރި މައްސަލައިގައި ދިޔާނާ ސަރުކާރަށް ފާޑުވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް މިސަރުކާރުން ކުރި ކެމްޕެއިނަށް ދިޔާނާ ވަނީ ތާއީދުކުރައްވާ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކެމްޕެއިންކުރައްވާފައެވެ.