މިފްކޯއިން ކަންނެލި މަސްވެރިންނަށް އައިސް ވިއްކާ ވަރު ލިމިޓުނުކުރާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯ އިން މިހެން ބުނެފައި ވަނީ ދޯންޏަކަށް ދެ ޓަނުގެ ރޭޓުން އައިސް ވިއްކުން ލިމިޓްކޮށްފައިވާތީ މަހަށް ފުރަން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ބަޔާނެއް ނެރެފައި ވާތީއެވެ.

ނަމަވެސް އެކަން ދޮގުކުރައްވާ މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ދެ ޓަނުގެ އައިސް ހިލޭ ދޫކުރުމުގެ އިތުރުން، އައިސްޕްލާންޓްތަކުގައި ގާބިލުކަން ހުރި ވަރަކުން އައިސް ވިއްކާ ކަމަށެވެ.

އަދި މިފްކޯއިން އައިސްއަށް ގެނައި ބަދަލަކީ ހިލޭ އައިސް ދޭން ގެނައި ބަދަލެއް ކަމަށާއި ހިލޭ އައިސްގެ އިތުރަށް، ގަންނަން އައިސް ދޭނެ ކަމަށް އަނަސް ވިދާޅުވިއެވެ.

ކަންނެލި މަސްވެރިންނަށް އައިސް ދޫކުރާނެ ވަކި ލިމިޓެއް ނޯންނަ ކަމަށާއި ކެޕޭސިޓީއަށް ބަލާފައި ރިކުއެސްޓްކުރާ އަދަދަށް ނުލިބޭ ފަހަރު އައިސްދާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

ހަމައެހެންމެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ނަމަވެސް މިފަހަރު އެ ޔޫނިއަނުން ބަޔާން ނެރުނީ ގުޅާ ވެސް ނުލާ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ ބައެއް ވަކިވަކި ދޯނިފަހަރަށް 10 ޓަނާ ހަމައަށް އައިސް ދޫކުރަން ބައެއް ފަހަރު އެދޭ ކަމަށާއި އެގޮތަށް ދޫނުކުރެވޭ ފަހަރު އަންނަ ކަމަށެވެ.