މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2024 ވަނަ އަހަރުގެ މެއި މަހު ފެށި ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ގައުމަކަށް ވަނީ، 335 ޓަނުގެ މުދާ ފޮނުވާފައެވެ. މިއީ ކޮންޓެއިނަރުތަކަށް ބަލާނަމަ 65 ޓީއީޔޫސްއެވެ.

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވާފައިވަނީ ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، ސައުދިއާ އަދި އެމިރޭޓްސް އިންނެވެ. އަދި މުދާ ފޮނުވި ގައުމުތަކަކީ އިޓަލީ، އެމެރިކާ، ޖަރުމަނު، ނެދަލެންޑްސް، އަދި ސްވިޑަންގެ އިތުރުން ސްޕެއިން އާއި ފްރާންސް އެވެ.

ސީ-ޓު-އެއަރ ކާގޯ ހިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، މި މަޝްރޫއުއާއެކު އޭޝިއާގެ އެހެން ގައުމުތަކަށް ނުދާ އެއަރލައިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަންނަމުންދާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރު ކުރާ ގައުމަކަށްވާއިރު، މި ހިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުސަތުތައް ގިނަކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.