މޫސުމީ ބަދަލުތަކަށް ވިލުންތެރި ގައުމެއް ބިނާކުުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ވިލުންވެށި"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ އިފްތިތާހުކޮށްފައިވަނީ ހިރިޔާ ސްކޫލުގައެވެ. ހިރިޔާ ސްކޫލުގެ މި ބަގީޗާއަށް ވަނީ "ގާޑަން އޮފް ގްރޯތު" ގެ ނަމުން ނަން ދީފައެވެ.
މި ބަގީޗާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. މި ރަސްމިއްޔާތުގައި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެޕްރެޒެންޓޭޓިވް މޮޓޫ ޓާކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ އަދި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ޢަމަލީ ގޮތުން ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދައިދިނުމާއި އެކު ތިމާވެށި ޙިމާޔަތްކުރުމަށް ބާރުއަޅާ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި، ކާނާގެ ނިއުޓްރިޝަނާއި ދުޅަހެޔޮ ކާނާގެ އިޚްތިޔާރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި، ޢަމަލީ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކަށް އަހުލުވެރިކުރުވުމަކީވެސް ޕްރޮގްރާމުގެ ބޭނުމެއް ކަަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އީސީއާރުއެފްއެސް މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުއައްސަސާތަކާއި ޢާންމު މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމެވެ. މި މަޝްރޫއުގެ ދަށުން ސްކޫލް ގާޑަން ޕްރޮގްރާމަކީ ރާއްޖޭގެ 5 ސްކޫލެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.
މި މަޝްރޫއަށް ހަރަދުކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކާއި، އޯޝަން ރެޒިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑުގެ އެހީގެ އިތުރުން، ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.