ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމާފައިވާ ހުޅުވާލައިފިއެވެ.

ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން އަހަރު 30 ނުފުރޭ ފަރާތްތަކަށް ކަމަށެވެ.

މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް އެ ވުޒާރާއިން އެދިފައިވެ އެވެ.

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވާ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީއަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދަޢުވަތު ދެއްވާފަ އެވެ.

މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފަ އެވެ.

ޒުވާން ޚަޠީބުންގެ އަދަދު މިހާރު 621 އަށް އަރާފައިވާއިރު ޙާފިޡުންގެ އަދަދު 310 އަށް އަރާފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެ އެވެ.