ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ދެއްވައިފިއެވެ.

ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު މިހެން ވިދާޅުވީ ސްޓޭޓްފާމާގެ މެނޭޖްމަންޓުން ބ. އޭދެފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައެވެ. ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގެ ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މިކަމާއި ގުޅިގެން، ކުންފުނީގެ އެމްޑީ ޝާހު މާހިރު ވަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ޙާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެއިތުރުން ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް އެ ކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް، އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.