ކްރިމިނަލް ކޯޓަށް 3 ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ. އެހެން ކަމުން އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އިއުލާނުގައި ވާގޮތުން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 18،000 ރުފިޔާ، ރިސްކް އެލަވެންސްގެ ގޮތުގައި 3300 ރުފިޔާ، ފޯން އެލަވެންސްގެ ގޮތުގައި 1000 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބެއެވެ.

ޖޭއެސްސީން ބުނީ، މި އިޢުލާންގައިވާ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށެވެ. އެހެން ކަމުން އެ ގަވާއިދު ގެޒެޓުންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.