މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅީ 5 ސިޔާސީ ޕާޓީއަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުން އޮޑިޓު ރިޕޯޓު ހުށަހެޅި ގޮތުގެ ތަފްސީލުތައް އީސީން އާންމުކޮށްފައި ވާއިރު އޮޑިޓް ރިޕޯޓް ހުށަހެޅި ސިޔާސީ ޕާޓީތަކަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިންނެވެ.
މީގެ އިތުރުން ގަވައިދުގައިވާ ގޮތަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އީސީން ބުނެފައި ވެއެވެ.
ސިޔާސީ ޕާޓީތަކުން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހެވެ.
ޕާޓީތަކަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ގާނޫނުގައިވާ ގޮތުގެމަތިން ފުރިހަމައަށް އޮޑިޓްކޮށް، އެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެގޮތުން 2024 ވަނަ އަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ އަހަރު ފައިސާދޫކޮށްފައި ވަނީ, ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުންނެވެ.
މީގެ އިތުރުން 2025 ވަނަ އަހަރު އީސީން ވަނީ ފަސް ސިޔާސީ ޕާޓީއަކަށް، މެންބަރުންގެ ނިސްބަތުން ބޮލަކަށް 193.23 ރުފިޔާގެ މަގުން 27 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ