އަވަހާރަކޮށްލާފައިވާ އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ހަރަކާތްތައް މިއަދު އިރާނުގެ ވެރިރަށް ތެހެރާންގައި ފަށައިފިއެވެ.

ޚާމަނާއީއަށް އެންމެފަހުގެ އިޚުތިރާމް އަދާކުރުމަށް ތެހެރާންގެ މަގުތަކަށް ހޮނިހިރު ދުވަހުން ފެށިގެން މީހުން ވަނީ ޖަމާވާން ފަށާފައެވެ. އެތައް މިލިއަން ބަޔަކު ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު މިއަދު ޚާމަނާއީގެ ހަށިކޮޅު އޮތް ސަންދޯއް އަރުވާފައިވާ ލޮރީ ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދަތުރުކުރާނެއެވެ. ޖަނާޒާގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތުން އަންދާޒާކުރާ ގޮތުގައި މިއަދުގެ ހަރަކާތްތަކަށް ގާތްގަނޑަކަށް 10 އާއި 12 އާ ދެމެދު ގަޑިއިރެއް ހޭދަވާނެއެވެ.

ޖަނާޒާގެ ރަސްމީކަންކަން ފަށާފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އިރާނުގެ ވެރިރަށް ތެހެރާންގައެވެ. އެރަސްމިއްޔާތުގައި ދުނިޔޭގެ 100ށް ވުރެ ގިނަ ގައުމުން އެކި ލެވެލްގެ އޮފިޝަލުން ބައިވެރިވެފައިވާނެކަމަށް ވަނީ ބެލެވިފައެވެ. ރަސްމީކަންކަން ފެށުމަށްފަހު ޖުލައި 4 އަދި 5 ގައި ޖަނާޒާގެ ކަންކަން ކުރިޔަށްގެންގޮސްފައިވަނީ އިރާނުގެ ވެރިރަށް ތެހެރާންގައެވެ. ޚާމަނާއީގެ ސަންދޯއް މި ދެދުވަހު އޮތީ ގްރާންޑް މުސައްލާގައެވެ. އެއަށްފަހު ސަންދޯއް މިއަދު ތެހެރާންގެ އެހެން ސަރަހައްދުތަކަށް ގެންދަން ފަށާނެއެވެ. ދެން ޚާމަނާއީގެ ހަށިކޮޅު ދާނީ ގޯމް އަށެވެ. ޚާމަނާއީގެ ޖަނާޒާގެ ކަންކަން އިރާގުގައިވެސް ކުރިޔަށްދާނެއެވެ. އެއަށްފަހު ޚާމަނާއީ ފަސްދާނުލާނީ ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައެވެ.

މިއަދުގެ ހަރަކާތްތަކުގައިވެސް އެމެރިކާ އާއި އިސްރާއީލާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުންދާއިރު ގިނަ އަދަދަކަށް ރަތް ދިދަ ފެނެއެވެ. ރަތް ދިދަ އިން ރަމްޒުކޮށްދެނީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުމަށް ގޮވާލުމެވެ.

އާދިއްތަ ދުވަހު ކުރިޔަށްދިޔަ ޖަނާޒާގެ ހަރަކާތްތަކުގައި ޚާމަނާއީގެ ތިން ފިރިހެން ދަރިކަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ނަމަވެސް ހަތަރު ވަނަ ދަރިކަލުން އަދި މިހާރުގެ ސްޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއީ ފެނިފައެއްނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުޖުތަބާ ޚާމަނާއީ ، ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވަޑައިގަންނަވަން ބޭނުންފުޅުވެގެން އެކަމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެފުރުސަތު ދީފައެއްނުވެއެވެ. އާދިއްތަ ދުވަހު އިރާނުގެ ސްޓޭޓް މީޑިޔާއިން ވަނީ އަނެއް ތިން ދަރިކަލުން ޖަނާޒާގައި ބައިވެރިވަޑައިގަންނަވާ މަންޒަރު ދުރަށް ދައްކާފައެވެ.

ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާގައި ޚާމަނާއީގެ އިތުރުން ޚާމަނާއީއަށް ކާފަކިޔާ 14 މަހުގެ އަންހެން ދަރިކަލަކާއި ދަރިކަނބަލަކާއި ދަނބިދަރިކަލަކާއި ޅީދަރިފުޅުވެސް ހިމެނެއެވެ. އަވަހާރަކޮށްލި ޅީދަރިފުޅަކީ ޚާމަނާއި އަވަހާރަކޮށްލުމުން ސްޕްރީމް ލީޑަރުކަމަށް އައްޔަނުކޮށްފައިވާ މުޖުތަބާ ޚާމަނާއީގެ އަނބިކަނބަލުންނެވެ.