ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަތުމުންނެވެ.
އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައި ވަނީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަމެވެ.
ދެ ބޭފުޅުންގެ ނަން ދިރާސާކުރަން މަޖިލިހުގެ އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ހުޅުވައިލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުއިއްޒު، ދެ ނަން ފޮނުއްވިއިރު، އިސްކަން ދެއްވާފައި ވަނީ ހަލީމަށެވެ.
ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުަމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ވިލާ އެއާގެ ހެޑް އޮފް ފައިނޭންސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަމީޒާ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާފައެވެ.
އަދި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކުރީ ނޮވެންބަރު 2024ގައެވެ.