މުވައްޒަފުން ނަށް ދެވޭ ޗުއްޓީއާއި އެހެނިހެން ލުއިތަކުގެ ގިނަވެ ސިވިލްސާވިސްގެ ޖުމްލަ 25 އިންސައްތަ އާގާތައް މުވައްޒަފުންގެ ބޭނުން ހިފެމުން ނުދާކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
ނިޒާރު މިފަދައިން ވިދާޅުވީ، ސިވިލް ސާވިސް ގަވައިދަށް ގެނައި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓުގައި ނިޒާރު ވިދާޅުވީ، ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ފޯރުކޮއްދިނުމުގެ މަސައްކަތް ކޮއްދެއްވަނީ ސިވިލްސާވިސްގެ ހީވާގި މުވައްޒަފުން ކަމަށާއި، ސިވިލްސާވިސްގެ މުވައްޒަފުންގެ މަސައްކަތް ކުރުމުގެ ގަވާއިދާއި އުސޫލްތައް ހަރުދަނާކޮށް ހިފެހެއްޓުމަކީ ރައްޔިޔުންނަށް ފެންވަރު ރަގަޅު އަވަސް ހިދުމަތްދިނުމަށް މުހިންމު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ސިވިލްސާވިސް ކަމިޝަންއިން ސިވިލްސާވަންޓުންގެ މަސައްކަތުގެ ގަވާއިދައް މިފަހުގެ ތާރީހްތަކުގައި ގެންނަމުންދާ އިސްލާހްތަކަކީ މުޅި ނިޒާމް އެއްކޮށް ހަރާބު ވަމުންދާ އިސްލާހުތަކެއްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، އެންމެ ފަހުން ގެންނަން ނިންމި އިސްލާހައްބަލާއިރު ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ދެންފެށޭނީ ހެނދުނު 8:30 ގައި ކަމަށާއި، އަދި މުވައްޒަފުން ނަށް ދެވޭ ޗުއްޓީއާއި އެހެނިހެން ލުއިތަކުގެ ގިނަވެ ، ހަމަ ގެއްލިފައި ވުމުން ސިވިލްސާވިސްގެ ޖުމްލަ 25 އިންސައްތަ އާގާތައް މުވައްޒަފުންގެ ބޭނުން ހިފެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ، މި ގައުމުގައި އިންތިޒަަމީ ފުރިހަމަ އުސޫލްތައް ހަމައެކަނި ހިފެހެއްޓިފައިވާ ސިވިލްސާވިސް ހަލާކުވެ ދިއުމަކީ ހިތާމަކުރަންޖެހޭނެ ހާލަތެއް ކަމަށެވެ.
ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހުގެ ދަށުން ކުއްލި ޙާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ، ގޭގައި ވެސް ސިވިލް ސާވަންޓުންނަށް މަސައްކަތް ކުރެވޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.