މަސްވެރިންނަށް ދަތި ނުވާނޭހެން އައިސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމައް ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން ( ބީކޭއެމްޔޫ) އިން އެދިއްޖެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ އުނިއަން އަކީ ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިންގެ ހައްގުތައް ހިމާޔަތް ކޮށް ކުރި އަރުވާ ދެމެއްހެއްޓުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އަދި ހަމަ އެހެންމެ، ބޮޑު ކަނެއްޔާއި ދިވެހި މަސަވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި، އެންމެންގެ ލާބަ އައްޓަކައި ސިނާއަތުގެ މަސްލަހަތުގައި މަސަކަތް ކުރާ ޖަމިއްޔާ އެކެވެ.
އެ ޔުނިއަން ނެރުނު ނޫސް ބަޔާނެއްގަ ބުނީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ކަންނެލި މަސްވެރިންނަށް ވިއްކާ އައިސް އަށް ގެނެވުނު ބަދަލަކީ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ކަމުން ކަންނެލި މަސްވެރިކަން ދަށް ދަނޑިވަޅުގައި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ހުރި ގިނަ އައިސް ޕްލާންޓުތަކުން އެވެސް ވަރަކަށް އައިސް ނުލިބުމަކީ ކަންނެލި މަސްވެރިންނަށް ވަރަށް ބޮޑު ދަތިކަމެއް ލިބިގެން ދާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ، ގިނަ ޕްލާންޓުތައް އޮޕަރޭޓު ކުރެވޭ ވަރަށް ތެޔޮނުލިބުމާ އެކު އަދި އެހެނިހެން ސަބަބުތަކާ ހުރެ ވެސް ކަންނެލި މަސްވެރިންނައް އެ ހިދުމަތް ނުލިބުމަކީ އެ އުނިއަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިފްކޯ އައިސް ޕްލާންޓުތަކުން ދުވާލަކަށް ދޯންޏަކަށް ދެޓަނު އައިސް ވިއްކާ ގޮތައް ގަވާއިދައް ގެނެވުނު ބަދަލުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ފާހަގަކޮށް އެ ޔުނިއަންއިން ބުނީ، ދެޓަނު އައިސް އަކީ ދުވާލެއްގެ މައްޗައް ކަންނެލި މަސްވެރިންނަށް މަދު މިން ވަރެއް ކަމަށެވެ.
އެހެން ކަމުން އެ ގަވާއިދު ބަދަލު ކޮށް މަސްވެރިންނަށް މަހަށް ފުރަން ދަތި ނުވާ މިންވަރަށް އައިސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެ ބަޔާނުގައި ވަނީ އެދިފައެވެ.
މީގެ އިތުރުން ރާއްޖޭ އެކި ކަންކޮޅުތަކުން އެއްވެސް ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވައުދަކަށް ވުމާ އެކު އެ ހިދުމަތް އެއްވެސް ދަތިކަމަކާ ނުލައި މަސްވެރިންނަށް ލިބޭނެ އިންތިޒާމް ލަސް ކުރުމެއްނެތި ހަމަ ޖައްސައި ދިނުމައް އެ ޔުނިއަން ގެ ފަރާތުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.