މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަންގާރަ ދުވަހު ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ. އެމްޓީސީސީން ބުނީ، މަގުގެ ދުވާރު ހެދުމާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންގާރަ ދުވަހު ފަށާއިރު، ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ.

އެމްޓީސީސީން ދަނީ ތާވަލާ އެއްގޮތަށް މި މަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިންވެސް އޮތީ ނިންމާފައެވެ. މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ތާރުއެޅުމުގެ މަސައްކަތެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ. އެ މަޝްރޫޢު ކުރިއަށް ދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްގީކޮށް 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫއު ނިމޭއިރު 500އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭ ޕާކިންއެއް ބޭންކް އޮފް ސިލޯން ކުރިމަތިން ތަރައްގީކުރާނެއެވެ.

މި މަޝްރޫއުއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.