ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރުމަށް ހުރި ފުރުސަތުތައް އިތުރަށް ފުޅާކުރަން މަޝްވަރާ ކޮށްފި އެވެ.
ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިއަށްދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) މަޝްވަރާތަކަށް އެހީތެރިވުމުގެ ގޮތުން، އެ ވުޒާރާއިން މަސް އުފައްދާ ފަރާތްތަކާއި އެކްސްޕޯޓްކުރާ އިދާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ބާޒާރުގައި ހުރި ފުރުސަތުތަކުގެ އިތުރުން، އެންމެ އިސްކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.