ރާއްޖެ އޮތީ ހަމަޖެހުމުގެ ނޭވާ އަކާ ހަމައަށް ގެނެވިފަ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައިދު ވިދާޅުވީ 2 އަހަރު ތެރޭގައި މި ސަރުކާރުން ރާއްޖެ އޮތް ހިސާބުން ނުރައްކާތެރި ކަމުގެ ތެރެއިން ބޭރަށް ނެރެ، ރާއްޖެ އޮތީ ހަމަޖެހުމުގެ ނޭވާ އަކާ ހަމައަށް ގެނެވިފަ ކަމަށެވެ.

މީގެ އިތުރުން ސައިދު ވިދާޅުވީ 20 ވަނަ މަޖިލީސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ކަމަކީ ނަސީބެއް ކަމަށެވެ. އެހެން ނޫންނަމަ ރާއްޖެ ބަނގުރޫޓުވެފަ އޮތުން އެކަށީގެންވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ 1.2 ބިލިއަން ޑޮލަރުގެ ދަރަނި 2 އަހަރު ތެރޭގައި ދެއްކީ ރާއްޖެ ބަނގުރޫޓު ނުވެ ކަމަށެވެ.

1.2 ބިލިއަން ޑޮލަރުގެ ދަރަންޏޭ މި ދެއްކީ ރާއްޖެ ބަނގުރޫޓު ނުވެ، ރާއްޖޭގެ 26 ބާވަތުގެ އަސާސީ މުދާ ރައްކާތެރިކޮށް ގެންގުޅެމުން 164 ބާވަތުގެ ޒާރޫރީ މުދާ، ދުވަހުން ދުވަހަށް ބެލެހެއްޓެމުން، ރާއްޖޭގައި ދަރާ ވިކިފަ ހުރި ކުންފުނިތައް ކޮޅަށްޖަހައިގެން ކުރިއަށް ގެންދަމުން ، ކުދި ވިޔަފާރިތަކަށް ދަތި އުނދަގުލާ އެކުވެސް ފައިސާ ދެމުން،"

ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރޭޓިން ކުރި އަރާފައި ވަނީ ކެތްތެރިކަމާ އެކު މަސައްކަތްތަކެއް ކުރެވިފައި ވާތީ ކަމަށެވެ.

ހަމަމިއާ އެކު އިދިކޮޅުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ހަވާލުވެލެއްވި ދުވަހުން ފެށިގެންވެސް، އިތުބާރު ނެތް ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށްވެސް ސައިދު ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ ސަރުކާރާ އެކު ރައްޔިތުން މަސައްކަތް ކުރަންވީ ވަގުތެއް ކަމަށާއި އިދިކޮޅުންވެސް ގައުމު ކުރިއެރުވުމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ސައިދު ވިދާޅުވި އެވެ.

ބައްލަވާ 2 އަހަރާ ބައިގެ ތެރޭގައި ރާއްޖެ އޮތް ހިސާބުން ނުރައްކާތެރި ބައުންޑރީން ބެރަށް ނެރެ، ރާއްޖެ އެއޮތީ ހަމަޖެހުމުގެ ނޭވާ އަކާ ހަމައަށް ގެނެވިފަ. މިއީ ރައްޔިތުން އެއްކޮށް ނިކުމެ، އިދިކޮޅުންވެސް އެއްބާރުލުންދީގެން މަސައްކަތް ކުރަންވީ ވަގުތު"

ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ސައީދު ވިދާޅުވީ އަލުން އަނބުރާ ބަނގުރޫޓު ނުވެ ގައުމު އޮތް ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.