މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު, ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށް އަދި އެ ފިހާރައިން އެ މީހުން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.