ނޯވޭ އަތުން ބަލިވެ، ފީފާ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް މިފަހަރުގެ މުބާރާތުން ކަޓައިފި އެވެ.

ބްރެޒިލް ވޯލްޑް ކަޕުން ކެޓީ ގަދަ 16 ގައި ރޭ ނޯވޭ އަތުން 2-1 އިން ބަލިވެގެންނެވެ. މި ނަތީޖާއާއެކު ނޯވޭ ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް، ލީޑު ނަގަން ލިބުނު މި ރަނުގެ ފުރުސަތުގައި ބްރޫނޯ ގިމަރައިޝް ޖެހި ބޯޅަ ނޯވޭގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ނޯވޭއިން ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ބޮލުން ޖަހައިދިން ލަނޑުންނެވެ. އޭގެފަހުން 90 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް ހާލަންޑެވެ. މިއީ ބްރެޒިލްގެ ޕެނަލްޓީ އޭރިއާގެ ރޮނގު ކައިރިން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ދުރު ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ދެ ލަނޑާއެކު ހަލާންޑް ވަނީ މިފަހަރުގެ މުބާރާތުގައި ހަތް ލަނޑު ހަމަކޮށް، ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭއާ އަރައިހަމަކޮށްފަ އެވެ.

ބްރެޒިލްގެ ހަމަ އެކަނި ލަނޑު ފެނިގެންދައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ބްރެޒިލްގެ ކަސެމީރޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ، ބަދަލަކަށް ކުޅެން އެރި އެ ޓީމުގެ ތަރި ނޭމާ ޖޫނިއާ އެވެ.

ބްރެޒިލްގެ މި ބައްޔާއެކު ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއަށް އެންމެ ފަހުން ތަށި ލިބުނީ 2002 ވަނަ އަހަރު އެވެ. އޭގެފަހުން އެ ގައުމުން އެކި ދުވަސްވަރު ތަފާތު ހުނަރުވެރި ގިނަ ތަރިން އުފެދުނު ނަމަވެސް، ޓީމެއްގެ ގޮތުގައި ކުޅެ ތައްޓާއި ހަމައަށް ވާސިލްވޭގޮތެއް ނުވެ އެވެ.