ގ. ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:49 ހާއިރުއެވެ.
އެމްއެންޑީއެފްގެ ފަޔަރު ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 11:48 ހާއިރުއެވެ. އެގޮތުން އެ ހާދިސާގައި އެ ފަންގިފިލާގެ ތިން އެޕާޓްމަންޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެގޮތުން އެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 58 މީހަކަށް އެންޑީއެމްއޭ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި، 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދިން ކަމަށް އެ އޮތޯރިޓީން ހާމަކުރެެއެވެ.
މި ހާދިސާގެ ސަބަބުން ދިރިއުޅެމުން ދިޔަ ގެގޭގައި ނޫޅެވޭ ވަރަށް ގެއްލުންވި އެޕާޓްމަންޓްތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވާއިރު ކަމާބެހޭ ފަރާތްތަކުން ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.