ރީޖަނަލް ގްރީން އިކޮނަމީ ފޯރަމް މި މަހު ބާއްވަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އެ ވުޒާރާއާއި ވޯލްޑް ގްރީން އިކޮނަމީ އޯގަނައިޒޭޝަންގެ އިތުރުން އޭއޯއެސްއައިއެސް ގުޅިގެން ބާއްވާ ފޯރަމް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އަދި 30 މި ދެ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

ރީޖަނަލް ގްރީން އިކޮނޮމިކް ފޯރަމް ބާއްވަނީ "ޝޭޕިން އަ ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް ފިއުޗާ ފޯ ދަ އޭޝިއާ-ޕެސިފިކް" ތީމްގެ ދަށުންނެވެ.

ވުޒާރާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ރެޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ރީޖަނަލް ގްރީން އިކޮނަމީ ފޯރަމްގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި ތަހައްމަލުކު ކުރެވޭނެ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކަމަށް މަގުފަހިކުރުމެވެ.

މީގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރު މޮރޮކޯގެ ޓެންޖިއާގައި "ކާބަން ނިއުޓްރަލް ސިޓީސް" ތީމްގެ ދަށުންނެވެ.