ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އާއި މޮރޮކޯ ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމުން ކުއާޓާގެ ޖާގަ ހޯދީ ގަދަ 16 ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ފްރާންސުން 1-0 ގެ ހަނި ފަރަގަކުން ޕެރަގުއާއީގެ މައްޗަށް ކުރިހޯދި އިރު، މޮރޮކޯ ވަނީ 3-0 އިން ކެނަޑާ ބަލިކޮށްފަ އެވެ.

ފިލަޑެލްފިއާ ސްޓޭޑިއަމްގައި ރޭ ފްރާންސް އާއި ޕެރަގުއާއީ ބައްދަލުކުރި މެޗު ޑޮމިމޭޓްކޮށްގެން ކުޅެ، ގިނަ ހަމަލާތައް އުފެއްދީ ވެސް ފްރާންސުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފިސިކަލް ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. ފްރާންސަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ކީލިއަން އެމްބާޕޭ އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ހަތް ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނަޑާ އާއި މޮރޮކޯ ރޭ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މޮރޮކޯއިން ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގަ އެވެ.

މެޗުގެ 50 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައި މޮރޮކޯގެ ފުރަތަމަ ދެ ލަނޑު ޖެހީ އަޒެދީން އޮނާހީ އެވެ. އޭގެފަހުން އިތުރު ވަގުތުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ސޮފިއާން ރަހީމީ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އާއި މޮރޮކޯ ވާދަކުރާ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގަދަ 16 ގެ ދެ މެޗެއް މިރޭވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، މިރޭ 01:00 ގައި ނޯވޭ އާއި ބްރެޒިލް ވާދަކުރާއިރު، މިރޭ ފަތިހު 5:00 ގައި މެކްސިކޯ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.