މ. އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޙާލަތު ދެނެގަނެ، އެރަށްތަކުގެ ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޮއިން ބުނީ މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތާއި ކުންފުނިން ހަވާލުވުމަށްފަހު، އެ ރަށްތަކުގެ ޚިދުމަތުގެ ފެންވަރު ދެނެގަންނަމުންދާކަމަށެވެ. އަދި ކުންފުނިން ޤަބޫލުކުރާ ފެންވަރަށް މަތިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ފަށާފަވާކަމަށެވެ. އެގޮތުން މުލަކަތޮޅުގެ ރަށްތަކުގެ އިންޖީނުގެތަކުގައި ފިއުލް މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފަވާކަމަށެވެ.

ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި 8 ރަށް ސްޓެލްކޯއާ ޙަވާލުކުރީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި މި ބަދަލާއެކު އެ ރަށްތަކުގެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.