މިހާތަނަށް ރާއްޖެއިން 3 ފަހަރެއްގެ މަތިން ސާޖަރީ އިންޓަނޭޝަނަލް ކޮންފަރެންސްތަކަށް ލައިވްޓެލެކާޓް ކުރި ކަމަށް ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ކާޑިއަލޮޖީ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ވިދާޅުވެއްޖެއެވެ.

ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނޭޝަނަލް ކާޑިއެކް ސެންޓަރު ޑރ.މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވީ، 10 އަހަރުގެ ތެރޭގައި ދިވެހީންގެ އިތުބާރު ހޯދާ ވަރަށް މަދު ޚިދުމަތެއް ފިޔަވާ ހިތުގެ ބަލިތަކާއި ގުޅިފައިވާ ހުރިހާ ޚިދުމަތްތަކެއް ކާޑިއެކް ސެންޓަރުން މިހާރު ދެމުންދާ ކަމަށެވެ.

މިއީ އަސްލުގައި ވަރަށް ބޮޑު ޝަރަފެއް އަލުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް އޭގެ އިތުރުން މިހާގިނަ ޕްރޮސީޖާ ހަދާ އިރު އެ ޑޭޓާ މިއަށް ވުރެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެން ޖެހޭ ކަމެއް

ޑރ. މުހައްމަދު ޝަނީޒް ނަޖްމީ

އެހެން ނަމަ ވެސް ބިޒީ ޝެޑިއުލްއާއި ރެސްޓިކްޝަންއާއި ހެދި އެ ޑޭޓާތައް ބޭނުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރެވޭ ކަމަކީ ބައެއް ކަހަލަ އިންޓްރަސްޓިންގ ކޭސެސްތައް ގައުމުތަކަށް ގޮސް ޕްރެސެންޓް ކުރުން ކަމަށެވެ.

އެކަމަކުވެސް 10 ގެ ތެރޭގައި ކުރެވުނު އެންމެ ރަގަޅު ޕަބްލިކޭޝަން ޕްރޮސްޕެކްޓިވް ސްޓަޑީއެއް ހިތުގެ ލޭހުޅި ކެމެރާއެއް ސްކޭންކޮށްގެން މިއީ ދުނިޔޭގައި ވެސް މިވައްތަރުގެ ހެދުނު ސްޓަޑީޒްގެ ތެރެއިން ހަމަ ގުނާލެވޭ މަދު އަދަދެއް ކަމަށް ޑރ. ޝަނީޒު ވިދާޅުވިއެވެ.

10 އަހަރު ސެންޓަރަށްވީމަ އަޅުގަނޑުމެން މެނޭޖްމަންޓުގެ އެހީއާއެކު މިނިންމީ އިތުރު ހަރުފަތަކަށް ޖެހިލަން. މިގޮތުން މީގެކުރިން ވަރަށް ބޮޑަށް ޕޭޝަންޓުންގެ ފަރުވާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިފައި ހުރީ. މިހާރު އަޅުގަނޑުމެން މަސައްކަތް މިފެށީ ސިސްޓަމް އިތުރަށް ވަރުގަދަކުރަން. ކާޑިއޮލޮޖީ ޕިރަމިޑަށް ބަލާއިރު އަޅުގަނޑުމެން ތިބީ ލެވެލް 3 ގައި. މިހާރު ސިސްޓަމް ބިލްޑިންގއާއެކު އަޅުގަނޑުމެން މިޖެހިލަނީ ލެވެލް 4 އަށް.

ޑރ. މުހައްމަދު ޝަނީޒް ނަޖްމީ

2016 ވަނަ އަހަރުގެ ޖުލައިމަހު ޚިދުމަތް ފެށި މި ސެންޓަރަކީ، އައިޖީއެމްއެޗުގެ ކުޑައިގެ ދަށުން ޚިދުމަތް ދެމުންދާ އެންމެ ކާމިޔާބު ސެންޓަރެވެ. ހިތުގެ އެކި ބަލިތަކާއި ގުޅިގެން އެސެންޓަރުގެ އޯޕީޑީއަށް މިދިޔަ 10 އަހަރުގެ ތެރޭގައި 50 ހާހަށްވުރެ ގިނަ ބަލި މީހުން ވަނީ ދައްކާފައެވެ. މިމުއްދަތުގައި އެސެންޓަރުގައި ވަނީ، 10 ހާސް ކޮރޮނަރީ އެންޖީއޯގްރާމާއި، 6،000 އަށްވުރެ ގިނަ އެންޖީއޯޕްލާސްޓީއާއި، 1،200 އަށްވުރެ ގިނަ ޕްރައިމަރީ އެންޖީއޯ ޕްލާސްޓީއާއި، 20 ހާހަށްވުރެ ގިނަ އެކޯކާޑިއޯގްރާމް ހަދާފައެވެ.

އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ، 1 ޖުލައި 2016 ވަނަ އަހަރުއެވެ.

އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް، ހިތުގެ ބަލި ހުންނަ މީހުންނަށް ކުއްލި ޙާލަތުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަޙައްދީ ފެންވަރުގައި ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.