މިސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ޕާޓީ ބަދަލު ކުރުމުން ވ.ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކަނޑެއެޅުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

ޝާހިދުގެ ޕޯސްޓުގައި ވަނީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށާއި، އެހެންކަމުން އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ޕޯސްޓަށް ރައްދު ދެއްވަމުން މެމްބަރު ޝުޖާއު ވިދާޅުވީ، އެއީ ސިޔާސީ މަގާމެއް ކަމަށާއި، އެމްޑީޕީގެ ރައީސް ޝަހިދު އެޕޯސްޓް ކުރެއްވުމުގެ ކުރިން ގާނޫނުގައި މިކަން އޮންނަގޮތް ބައްލަވާލެއްވުން ރަގަޅު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ވ.ތިނަދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ވަޑައިގެންނެވި ތާރީހާއި ޑިމޮކްރެޓްސް އުވާލެއްވި ތާރީހާއި ކައުންސިލަރ ހުވާކުރެއްވި ތާރީހު ރަގަޅަށް ބައްލަވާލެއްވުން ރަނގަޅު ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން މެމްބަރު ޝުޖާއު ވިދާޅުވީ، ކައުންސިލަރ ސުޖާއުގެ ހައްގުގައި ޕޯސްޓެއް ކޮށްލުމުން ނުފުދޭ ކަމަށާއި، މިކަމުގައި އެމްޑީޕީގެ ރައީސް ޝާހިދު ހިތްޕުޅުގައި މިޕްރޮސެސް ހިނގާފައިވާ ގޮތާމެދުނ ސުވާލެއް އުފެދޭނަމަ ކައުންސިލަރގެ ހައްގުގައި ކަންހިނގާފައިވާ ގޮތް ސާފު ކުރުމަށް ކޯޓަށް ވަޑައިގެނެވިދާނެ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ޝުޖާއު ވިދާޅުވީ، މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ކަންކަން އެނގި ތިއްބަވައިގެން ހަމަ ކޮންމެ ކަމަކީ ސަރުކާރަށް ފާޑެއް ވިދާޅުވުން ކަމަށް ވާނަމަ ދުވަހަކުވެސް ސިޔާސީ ހަމަޖެހުމެއް މިގައުމަކަށް ނާންނާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

އެލްޖީއޭ އިން ވަނީ ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ މަގާމުން ވަކި ވެއްޖެކަމަށް ކަނޑައަޅައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާގޮތަށް ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި ޝުޖާއު މީގެ ކުރިން މީޑީއާއަކަށް ދެއްވި އިންޓަވިއުގާ ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ، ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.