އައިޖީއެމް ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ކާޑިއެކް ސެންޓަރުގެ ނަން ކާޑިއޯވެސްކިއުލާ ސައިންސާ ބެހޭ ގައުމީ މަރުކަޒަށް ބަދަލުކޮށް އިފްތިތާހްކޮށްފިއެވެ.

ކާޑިއެކް ސެންޓަރުގެ ނަން ކާޑިއޯވެސްކިއުލާ ސައިންސާ ބެހޭ ގައުމީ މަރުކަޒަށް ބަދަލުކޮށްފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާޙު ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުއެވެ.

އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ، 1 ޖުލައި 2016 ވަނަ އަހަރުއެވެ.

އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް، ހިތުގެ ބަލި ހުންނަ މީހުންނަށް ކުއްލި ޙާލަތުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަޙައްދީ ފެންވަރުގައި ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެންސީސީން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށް ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި، ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯ ކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ.