ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިންމާލައި، އާއްމުންނަށް މިރޭ ހުޅުވާލަން ނިންމައިފިއެވެ.

އެ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

އެޗްޑީސީން ބުނީ ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެއް ކަމަށެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަލަށް ގާއިމުކުރި ލިފްޓްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލިފްޓް ބޭނުންކުރެވޭނެ ގޮތްތަކެއް ވެސް ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ހިޔާ ޓަވަރުތަކުގައި ޖާގަ ތަނަވަސް އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމައި އާންމުނަށް ހުޅުވާލުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވޭތުވެދިޔަ ދުވަސްތަކުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ލިބޭ ވަރަށް ބޮޑު ތަސައްލީއަކަށް ވެގެންދާނެ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

އައު ލިފްޓުތައް އާންމުންނަށް ހުޅުވާލާނީ މިރޭ އެކަމަށް ހާއްސަކޮށްގެން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުންނައިރު، ގިނަ ބަޔަކު ދިރިއުޅޭ އެ ޓަވަރުތަކުގައި އަރާ ފޭބުމަށް ދަތިވުމުގެ ޝަކުވާތައް ބޮޑެވެ.