އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަރޫނީ އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ. އެހެން ނަމަވެސް އޭނާ އިސްތިއުފާދިން ސަބަބެއް ހާމަ ކޮށަފައެއް ނުވެއެވެ.
ފައިނޭންޝަލް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ އަކީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ސްރީ ލަންކާ އަށް ނިސްބަތްވާ އަރޫނީ ޑީބީއެމްގެ ޗެއާޕާސަނަކަށް އައްޔަންކުރީ 2024 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އެ ބޭންކްގެ ސީއީއޯގެ މަގާމަށް އޭރު އައްޔަންކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. އޭނަ ވަނީ އެ މަގާމުން މިދިޔަ އަހަރުގެ މާރިޗް މަހުގައި އިސްތިއުފާ ދެއްވައިފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާ، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބޭންކު އުފެއްދީ މެއި 2024ގަ އެވެ. އެ ބޭންކު ރަސްމީކޮށް ހުޅުވީ ވެސް 2024 ވަނަ އަހަރުގެ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެ އަހަރުވީއިރު ވެސް ބޭންކުގެ މަސައްކަތްތަކެތް ފެށިފައެއް ނުވެއެވެ.
އެ ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހުއްދަ ދިނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.