ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހަކު ތަހްގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި، ބަނދުގައި ހުއްޓާ ފިލާފައިވަނީ ދ. ކުޑަހުވަދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.
އެ އަމުރުގައިވާ ގޮތުން، އޭނާ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ބެލެވޭ ހެކިތައް ކޯޓަށް ވަނީ ހުށަހަޅައިފައިވެއެވެ. އަދި އޭނާއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ހުއްޓައި އެ ތަނުން ފިލައިގެން ގޮސްފައިވާ މީހެއް ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވި ކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އޭނާ ގަސްދުގައި ގާނޫނު ހިންގުމަށް ހުރަސްއަޅާފައިވާ ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި ކަމަށެވެ.
އެގޮތުން އޭނާ ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ މަރުކަޒުން ނުކުމެގެން ދިޔުމުގެ ކުރިން، އެ މަރުކަޒުގެ ތެރޭގައި އިތުރު މީހުންނާއެކު އޭނާ ހަރަކާތްތެރިވެފައިވާ ކަމަށް ބެލެވޭ ކަންކަން ހުރި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަވަންދެން އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.