ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުންކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ނިންމައިފިއެވެ.
އެ ކުންފުނިން މިގޮތަށް ނިންމާފައިވާކަން މުވައްޒަފުންނަށް އަންގާފައިވަނީ، އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށާއި އެއާޕޯޓުގައި ހަރަކާތްތެރިވާ ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށް ނެރުނު ހާއްސަ ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ އެއްޗެއް ނަމަވެސް ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށް ނުވަތަ ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެން ކަމުން މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ދަތިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނިން ބުނީ، މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ނުވަނުމަށާއި، މަސައްކަތުގެ ބޭނުމެއްގައި ނޫނީ ފަސިންޖަރުންނާ ވާހަކަ ދެއްކުމަށް މިހާރު އެ ކުންފުނިން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ އެއާޕޯޓުގެ ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.