ރާއްޖޭގައި މިހާރު ފެތުރެމުންދަ ހިމަބިހި (މީސްލްސް) އަށް ހަތަރު ކުޑަކުދިންނަށް ޖެހިފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑރ. އަހުމަދު ފައިސަލް މިހެން ވިދާޅުވެފައި ވަނީ ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފައިސަލް ވިދާޅުވީ އެ އަހަރު ވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ.
އަދި އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ މި ފަހުން ރާއްޖެއިން ހިމަބިހި ފެންނަން ފެށި ފަހުން 72 ކޭހަށްވެރެ ގިނައިން ފެނުނުއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިން ކަމަށެވެ.
އަދި ބާކީ ތިބި އެންމެންނަކީ ވެސް އުމުރުން 15-35 އަހަރުގެ މީހުން ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
އެހެންވެ އެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑރ. ވަނީ އެދި ވަޑައިގެންފަ އެވެ.
2017 ވަނަ އަހަރު ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށުމުން މިހާރު ވަނީ އެ ބަލިން ރައްކާތެރިވުމަށްދޭ އެމްއާރު ވެކްސިން ދޭން ވެސް ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދޭނީ އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ) އާއި ހުޅުމާލެ ހޮސްޕިޓަލާއި ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލްގައެވެ.
އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ވެކްސިން ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.
ހިމަބަހީގެ އަލާމާތްތައް ކަމަށްވާ ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.